ލިންކް ރޯޑްއަކީ އައްޑު އަތޮޅުގެ ބޮޑުބައެއް ގުޅުވާދޭ މައިމަގެވެ. އަތޮޅުގެ ހުޅަގު ބިތުގެ އެއްފަޅެއްގެ ތެރޭގައިވާ ހުރިހާ ރަށްތަކެއް (ގަން، ފޭދޫ، މަރަދޫފޭދޫ، މަރަދޫ، ހަންކެޑެ، ހިތަދޫ) ގުޅުވާދެނީ މިމަގެވެ. މިމަގުގެ ސަބަބުން އިޖްތިމާޢީ ގޮތުންނާއި އިޤްތިޞާދީ ގޮތުން ހެޔޮބަދަލުތަކެއްވަނީ ގެނެސްދީފައެވެ.
އަޅުގަޑުމެންގެ މި ‘ލިންކް ރޯޑް’ ގެ މަގްސަދަކީ ފިތުނަވެރިކަމާއި ފަސާދަ ނައްތާލުމަށް މަސައްކަތް ކުރުމެވެ. ލިންކް ރޯޑަކުން އަޅުގަޑުމެންގެ ރަށްތައް ގުޅުވާލި ބީދައިން އަޅުގަޑުމެންގެ އުޅުމާއި ގުޅުން ރަގަޅުކޮށް ބަދަހިކުރުމަށް މަސައްކަތްކުރުމެވެ. އެއްބައިވަންތަ އެކުވެރި މުޖްތަމައެއް ބިނާކުރުމުގެ ނިޔަތުގައެވެ. ސިޔާސީ ހަލަބޮލިކަމުގެ ތެރެއިން އުފެދެމުންދާ ބައިބައިވުންތަކާއި ހަމަނުޖެހުން ހުއްޓުވައި މީހުންގެ ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތް ކުރުންވެސްމެއެވެ.
އެވޭލާ ޒަމާނުއްސުރެ ރާއްޖޭގެ ސަރުކާރުގެ ސިޔާސަތަކަށްވެފައިވަނީ، ބައިބައިވުން އުފައްދައި އަބަދުވެސް ސިޔާސީ މަގްސަދުތަކެއް ހާސިލްކުރުމަށް މަސައްކަތް ކުރުމެވެ. މިއަދު މިހާރުވެސް އަޅުގަޑުމެން ތަޖްރިބާ ކުރަމުން ދެކެމުން މިދަނީ އެފަދަ ފަސާދައިގެ އޮއިވަރެއްގައި މުޅިގައުމު ޖެހިފައިވާތަނެވެ. ބާރަށްޓަކައެވެ. ފައިސާއަށްޓަކައެވެ. ވެރިކަމުގެ އަވައިގައި ދަހިވެތިވެފައިވާ ބަޔަކު ދިއްކޮށްލާ މަދުފައިސާކޮޅެއްގެ ބޭނުމުގައި މިކަމުގެ އިސްސަފުގައި ތިބެގެން ހަރަކާތްތެރިވަމުން މިދަނީހަމަ އަޅުގަޑުމެންގެ ތެރެއިން މީހުންނެވެ. ހަލާކުވެގެން މިދަނީ އަޅުގަޑުމެންގެ މިކުދި ރަށްތަކުގެ މުޅިމުޖްތަމައެވެ. ގާތްކަމާއި އަވަށްޓެރިކަމާއި ތިމާގެކަމުގެ ގުޅުމާއި ކުލުނުކެނޑި އަޅުގަޑުމެންގެ އަޚުންގެ ހަތުރުންނަށް އަޅުގަޑުމެން މިވަނީ ބަދަލުވެފައެވެ. ރެއަކާދުވާލު އެތަކެއްފަހަރު އެކަކު އަނެކަކާ މޫނުޖެހޭ މީހުންނަށް ބެލެވެނީ ނަފްރަތުގެ ލޮލަކުންނެވެ. ހަސަދަވެރި ޢަދުއްވެއްގެ ގޮތުގައެވެ.
ވީމާ، މިކަންކަމާމެދު އަޅުގަޑުމެން ފުންކޮށް ވިސްނާލަން އެބަޖެހެއެވެ. ތިމާ ވިސްނާގޮތާއި ތިމާދެކޭގޮތާއި ތިމާގެ ޕާރޓީ، ކޮންމެ މީހަކުވެސް އެއްފަރާތެއްގައި ބާއްވަން އެބަޖެހެއެވެ. އެއީ އެހެންކަމެކެވެ. އަޅުގަޑުމެންގެ ދޭދޭގުޅުމާއި އަޚުވަންތަކަން އެކަމަކާކުޑަވެސް ގުޅުމެއްނެތް މުޅިންތަފާތު އެއްޗެއްކަމުގައި ހަދަން އަޅުގަޑުމެންނަށް އެބަޖެހެއެވެ. އަޅުގަޑުމެންގެ ރަށަށްޓަކައެވެ. އަތޮޅަށްޓަކައެވެ. އަޅުގަޑުމެންގެ ދަރިންގެ އަންނަންއޮތް ޖީލަށްޓަކައެވެ. ރަށާއި އަތޮޅުގެ ކުރިއެރުމާއި ތަރައްގީއާއި ހަމަޖެހުމަށްޓަކައެވެ. މުޅި ގައުމަށްޓަކާވެސް މެއެވެ.
ވިސްނަވާށެވެ. ހަމަޖެހިވަޑައިގެން ފުންކޮށެވެ. ކުރެއްވޭ ކަންތަކާއި އަމަލުތައް ބެހެއްޓެވޭ ގޮތްތަކާ މެދުގައެވެ. ރަގަޅުގޮތް ތިބާގެ ސިކުޑި ތިބާއަށް ދައްކާނެއެވެ. ދެނެވަޑައިގަންނަވާށެވެ. ބައެއްގެތެރޭގައި ފިތުނަވެރިކަމާއި ފަސާދަ އާއްމުވެއްޖެނަމަ އެބަޔަކު ހަލާކުކޮށް ނެތިކޮށްލުމަކަށް ކަނޑިއަކަށް، ބަޑިއަކަށް ނުވަތަ އެޓޮމިކް ބޮމަކަށް ބޭނުމެއްނުވެއެވެ. އެބަޔަކު އަމިއްލައަށް އެބަޔަކު ހަލާކުވެދާނެއެވެ. ވީމާ، މިހަލާކުކުރުވަނިވި ސިފަތަކުން އަޅުގަޑުމެން ދުރުވާން އެބަޖެހެއެވެ. ޢާއިލީ ޒިންމާތަކެއް އަޅުގަޑުމެންގެ ކޮޑުގައި އެޅިފައިވާ ފަދައިން ގައުމެއްގެ ފަރުދެއްގެ ހައިސިއްޔަތުން އަޅުގަޑުމެންގެ ބޮލުގައި އެޅިފައިވާ ފަރުދީ ވާޖިބާއި ޒިންމާ އަޅުގަޑުމެންގެ ހިތާއި ސިކުނޑިތަކުން ހިނދުކޮޅަކަށްވެސް ކެހިޔަ ދީގެންނުވާނެއެވެ. އެއަށް އަޅުގަޑުމެން އިހުމާލުވެއްޖެނަމަ އަޅުގަޑުމެންނަށް އެ ބަނަކޮށްލެވެނީ އަޅުގަޑުމެންގެ ދަރިންގެ، އަންނަންއޮތް ޖީލުގެ ކުރިމަގެވެ. އަޅުގަޑުމެންގެ ނަފްސާއި ޒަމީރު ވިއްކާލާ ބަޔަކު ކަމުގައި އަޅުގަޑުމެން ވެގެންނުވާނެއެވެ. މީހަކުބުނާހާގޮކަށް ކުރިޔަށް ފިޔަވަޅެއް އެޅުއްވުމުގެކުރިން ކަމުގެ ދެކޮޅަށްވެސް ވިސްނަވާށެވެ. އަމިއްލަ ހިތާ ސުވާލުކުރައްވާ ހެއޮ ސިކުނޑިއަކުން ވިސްނަވާށެވެ. ގައުމުގެ ފައިދާއާއި ހެވާއި ލާބަ އިސްކުރައްވާށެވެ.
އަޅުގަޑުމެންގެ މިމަސައްކަތުގައި ތިޔަބޭފުޅުން އަޅުގަޑުމެންނާ ބައިވެރިވެ ވަޑައިގެން ދެއްވާށެވެ. އަޅުގަޑުމެންގެ ރަށްތައް ލިންކް ރޯޑުން ގުޅާލެވިފައިވާ ފަދައިން އަޅުގަޑުމެންގެ ޚިޔާލާއި ވިސްނުމާއި ފިކުރު އަޅުގަޑުމެންގެ ރަށާއި އަތޮޅާއި ގައުމުގެ ހެވާއި ލާބައަށްޓަކައި ލިންކް ކޮށް އެއްމިސްރާބަކަށް ދަތުރުކުރާ ބަޔަކުކަމުގައި ވަމާތޯއެވެ؟ ޚިޔާލާއި، ލިއުމާއި މަޒްމޫން ފޮނުއްވާ ދެއްވާށެވެ. linkroad@hotmail.com or admin@linkroad.net[ad][ad]











